ހަލުވިކޮށް ގައިންގަޔަށް އަރާ ބައްޔެއްކަމަށްވާ ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެންމެ ފަހުން ރިޕޯޓްކުރި ދެ ކޭހާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތްތަކާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު ޖުމްލަ 152 އަށް އަރާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މިހާރު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ބައްޔަށް ޝައްކުކުރެވޭ މީހުންނަށް ޚާއްސަކޮށް ހޮސްޕިޓަލްތަކުގައި ވަކި ޑެސްކުތަކެއް ގާއިމުކޮށް، ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ބަލީގެ އާލާމަތްތަކުގެ ތެރޭގަި ހުންއައުމާއި، ގައިގަ ރަތް ބިހިތަކެއް ނެގުން ހިމެނއެވެ. މިފަދަ އާލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ އަވަސްކުރުމާއި، އަދި ފަރުވާ ހޯދަން ވަޑައިގެންނަވައިރުމާސްކު އަޅުއްވުމާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ހިމަބިއްސަށް ޝައްކު ކުރވިގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުމަށްވެސް ވަނި އިލްތިމާސް ކޮށްފައެވެ.


