ދިވެހި ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުން ފަސްކޮށްދިނުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓު (އޭ ޑީއެފްޑީ)އިން އެއްބަސްވެފައިވާކަން މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ އެއީ 2017 ވަނަ އަހަރުގެ ހިސާބުގައި އެ ފަންޑަށް ސަރުކާރުން ވިއްކި ސުކޫކެއްގެ ފައިސާ ކަމަށެވެ. އެކަމުގައި ޔޫއޭއީ ސަރުކާރާ މަޝްވަރާކުރެވި އެ ފައިސާ ދެއްކުން ފަސްކުރުމަށް މިހާރު އެއްބަސްވެވިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މި ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް މިހާރު އެއްބަސްވެފައިވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކުރިން ހަމަޖެހިފައި އޮތީ ރާއްޖެއިން އެގައުމަށް ޒިޔާރަތްކުރައްވައިގެން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު ފެށިފައިވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެ ދަތުރުކުރެއްވުމުގެ ބަދަލުގައި އޮންލައިންކޮށް އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒަަމީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ އިލެކްޓްރޯނިކްކޮށް ކަމަށާއި، މި ބަދަލަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޚަރަދުތައް މެނޭޖުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަބޫދާބީ ފަންޑުގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ދަރަނި ދެއްކުމުގައި ލުއިތަކެއް ދީފައެވެ. އެގޮތުން އިންޑިއާއިން ދަރަނި ދެއްކުން ފަސްކޮށްދީފައިވާއިރު، ޗައިނާއިން ވެސް ވަނީ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައެވެ.
ސަރުކާރުން ދަރަނި އަދާކުރުމުގައި ލުއިތަކެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ހަމަޖެހުނު ލުއިތަކާއެކު މި އަހަރު އެއް ބިލިއަން ޑޮލަރު އަދާކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ އަދަދުވަނީ 600 މިލިއަން ޑޮލަރަށް ދަށްކުރެވިފައެވެ.
އެގޮތުން ފާއިތުވި ދެ އަހަރު ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ރިޒާވްގައާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ އިތުރުކުރުމުގެ ސަބަބުން އޭޕްރީލު މަހުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި ދެ ފަންޑުގައި ޖަމާކޮށްފައި ހުރި ފައިސާއިން ދެއްކުމަށްފަހު 150 އެއްހައި މިލިއަން ޑޮލަރު ބާކީވާނެ ކަމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވެއެވެ.
