މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.
މި ގްރޫޕުގައި ހިމެނޭ 235 ޙައްޖުވެރިން ސައުދީގެ ގައުމީ އެއާލައިނުގައި މިއަދު ފުރީ 15:34ގަ އެވެ. މި ފްލައިޓް ޖިއްދާއަށް ޖައްސާނެ ކަމަށް ލަފާކޮށްފައި ވަނީ މިރޭ ރާއްޖޭގެ ގަޑިން 20:34ގަ އެވެ.
ހައްޖުގެ އަޅުކަން ނިންމާލައި، މި ގްރޫޕް އެނބުރި ރާއްޖެ އަންނާނީ ޖޫން 5 ގައެވެ.
ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބާއްވާނެއެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.
ޙައްޖުވެރިންގެ ބާކީ ގުރޫޕްތައް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:
- މިމަހުގެ 17 ވާ އާދިއްތަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި. މި ފްލައިޓްގައި 257 ޙައްޖުވެރިން ފުރާނެއެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 7 ގައެވެ.
- 18 ވާ ހޯމަ ދުވަހު ސަޢޫދިއާ އެއާލައިންގައި. މި ފްލައިޓްގައި 267 ޙައްޖުވެރިން ފުރާނެއެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 8 ގައެވެ.
- މިމަހުގެ 19 ވާ އަންގާރަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި. މި ފްލައިޓްގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 9 ގައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބޭއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.
ހައްޖާޖީން ސައުދީއަށް ފުރާފައިވާއިރު، ޙައްޖާޖީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، ދިވެހިން ތިބޭ ހޮޓަލުގެ ބޭރުގައި ބެނާތައް ދަމައި، ޙައްޖުވެރިންނަށް އިރުޝާދުތައް ދިނުމަށް ތަތްކުރަންޖެހޭ އެކިއެކި ޕޯސްޓަރުތައް ތައްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެގޮތުން، ހޮޓެލުގެ ލިފްޓުން ފައިބާއިރު، ޙައްޖުވެރިންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހިމެނޭ ޕޯސްޓާރެއް ހަރުކޮށްފައިވާއިރު، އެ ޕޯސްޓަރުގައި، މުހިންމު އެކިއެކި ނަންބަރުތަކާއި، ތަންތަން ހުންނަ ތަނާއި، އެތަނުން ޚިދުމަތް ލިބޭ ވަގުތު ތަކާއި، ނަމާދު ވަގުތުތައްވެސް އެނގެން ހުރެއެވެ.
މީގެ އިތުރުން މިނާގައިވެސް މިފަހަރު ދިވެހިންނަށް ޚާއްސަ ފާޚާނާތައް އިތުރު ކުރެވި އެހެނިހެން ފަސޭހަތައް އިންތިޒާމް ކުރެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

