މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ، މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
މިގޮތުން މި އަހަރުގެ އެވޯޑުގައި ތިން ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ޚާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފައެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

