ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހާޖީންގެ ތެރެއިން، އެންމެ ހާޖީއެއް ފިޔަވައި އެންމެން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ފަތިހު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވެފައިވާގޮތުގައި އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. އަދި އެ މީހާވެސް ޢަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހައްޖު މިޝަނުން މީގެ ކުރިން ބުނެފައިވާގޮތުގައި ދިވެހި ހުރިހާ ހައްޖާޖީންވެސް މިވަގުތު ތިބީ އަރަފާތު ބިމުގައެވެ.
ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.
އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ހައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

