އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން ކުރި މަސައްކަތުން އެއީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުން ކަށަވަރުކޮށްދެއްވައިފިއެވެ.
ފުލުހުން ބުނީ ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެކެވެ.
މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރު 16:41 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ލިބުނު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރި ކަމަށެވެ.


