logo

ލޯންޗެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލިފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 01:15 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުން ކަމަށާއި އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ad