ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް ފައިސާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝިކާރައަކަށްވާ މީހުން އެކަން ރިޕޯޓުކުރުން ލަސްވުން ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.
ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ޖުމުލަ 2259 މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން 3852 އެކައުންޓެއް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ވަނީ ވިކްޓިމުންނަށް އަނބުރާ ހޯދައިދެވިފައެވެ. މީގެ ތެރޭގައި 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއެއް ހޯދައިދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްކޭމްތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް 36 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި މީގެ ތެރެއިން 10 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ނަވީދު އިތުރަށް ވިދާޅުވީ، ސްކޭމަރުން ބޭނުންކުރާ ޕިރަމިޑް ސްކީމްތައް ފަދަ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުނުކުރެވޭ ކަމަށާއި، އާންމުން މިފަދަ ކަންކަމަށް އަހުލުވެރިވާ މިންވަރު ކުޑަވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުށަހެޅޭ މައްސަލަތަކުގެ 50 އިންސައްތައަކީ އީ-ކޮމާސް ސްކޭމްސް ނުވަތަ ވިޔަފާރި މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ ބޭރުފައިސާ ގަނެވިއްކުމުގެ ތެރެއިން ހިންގާ ސްކޭމްތަކެވެ. މީގެ އިތުރުން، ބަވަނަވެފައިވާ ދުނިޔޭގައި އެކި ގައުމުތަކުގެ ގާނޫނީ އިހުތިޞާސްތައް ޝާމިލުވާ މައްސަލަތައް ތަހުގީގު ކުރުމަކީ ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް ފުލުހުން ބުނެއެވެ.
ސްކޭމްތައް ދުރާލައި ދެނެގަނެ، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

