ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ، ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރަމުންނެވެ.
އެ ވުޒާރާއިން ބުނީ ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ޖުމްލަ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެކި އިމާރާތްތަކުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން މި މަޝްރޫއާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށާއި، އެ މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީހެއް ކަނޑައެޅޭނީ، އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރުމަށްފަހު ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ތަރައްގީ ކުރާ 50 ކައުންސިލް އިމާރާތަކީ، ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެއް ކަމަށް ވީ އިރު މި މަޝްރޫއަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ.
އެ މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ހުންނާނެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ކަނޑައަޅާފައިވާ ކަން ފާހަގަކޮށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި 105 ކައުންސިލް އިދާރާގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ދަނީ، އިތުރު ކައުންސިލް އިދާރާތަކެއްގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.
ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތަރައްގީ ކުރާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެއެވެ. އަދި މި ކައުންސިލް އިމާރާތްތަކުގައި ޑަބްލިއުޑީސީއަށް ހާއްސަކޮށްފައިވާ ތަންތަން ހުންނައިރު، ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން، މި އިމާރާތްތަކުގައި ރައްޔިތުންނާއި ބައްދުލުކުރުމަށް ހޯލެއް ގާއިމްކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

