މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އެ ތަހުގީގުގައި އިހުމާލުވި ފަރާތްތަކާމެދު މިހާރު ފިޔަވަޅު އަޅާފައިވޭތޯއާއި އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ މެންބަރު ހުސައިން ޒިޔާދު ވަނީ ސުވާލުކުރައްވާފައެވެ.
އެގޮތުން އެ މައްސަލާގައި ފުލުހުންނާމެދު އެޅި ފިޔަވަޅާ ބެހޭ ގޮތުން ވަޒީރު އިހްސާން ވިދާޅުވީ، އެ ފުލުހުންނާމެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ވަޒީރު އިހުސާން ވިދާޅުވީ ހީވެފައި އޮންނަނީ، ފިޔަވަޅު އެޅުމުގެ ކޮންމެ ހާލަތަކީ މީހަކު ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރާ ޙާލަތު ކަމަށެވެ. ނަމަވެސް ޔުނިފޯމް މުވައްސަސާތަކުގައި ފިޔަވަޅުއެޅުމަށް ވަރަށް ގިނަ މިންގަނޑުތައް ހުންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާ އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތްކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

