އާއްމުންގެ ބޮޑު ތަރުހީބަކައެކު ކުރިއަށްދާ ދިވެހިންގެ އުފެއްތެރިކަމުގެ މައުރަޒް މިރޭ ނިމޭނެއެވެ.
މިދޔަ މަހުގެ 25ން ފެށިގެން ހުޅުމާލެ ސެންޓްރަލްޕާކްގައި ކުރިއަށް ދާ މި މައުރަޒް ގައި ޖުމްލަ ހަތް ޑިސްޓްރިކްޓެއް ހެދިފައިވާ އިރު 419ފަރާތަކުން 4404 އުފެއްދުމެއް ދައްކަލާފައިވެއެވެ. މިހާތަނައް 205000(ދެލައްކަ ފަސްހާސް)ށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ މި މައުރަޒްގައި ކާބޯ ތަކެތީގެ ސްޓޯލް ތަކުގެ އިތުރުން ބޮޑުބެރާއި ގްރޫޕްތަކުގެ ފަންނުތައް ހުށައަޅައިދިން މުބާރާތް ތަކަކީ ޒިޔާރަތް ކުރި ގިނަ ބައެއްގެ ސަމާލުކަން އަތުލި ތަރުހީބު ބޮޑު ހަރަކާތް ތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
މައުރަޒް ނިންމާލުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ޚާއްޞަ ހަވީރެއް މިއަދު އޮންނާނެ ކަމަށް މި މައުރަޒް ރާވާ ހިންގާ އެއް ފަރާތް ކަމަށްވާ ބީސީސީ އިން މައުލޫމާތު ދެއްވައެވެ. އަދި ކުރިއަށް ދިޔަ ސްޓޭޖް މުބާރާތް ތަކުން ވަނަ ވަނަ އަށް އައި ފަރާތްތައް އިއުލާން ކޮށް އިނާމު ދިނުން އޮންނާނެކަމަށްވެސް އެފަރާތުން ހާމަ ކުރައްވައެވެ.
ކުރީ ދުވަސްތަކެކޭ ވެސް އެއްފަދައިން މިއަދު ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް މައުރަޒުގެ އެކި އައިޓަމްތައް ބެލުންތެރިންނަށް ހުޅުވާލެވިފައި އޮންނާނެއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށުނު މި މަޢުރަޒު ބަލައިލުމަށް ގިނަ އަދަދެއްގެ ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިން އަދި ރާއްޖޭގައި އެކި މަސައްކަތް ތަކުގައި އުޅޭ ބިދޭސީންވެސް ވަނީ ޒިޔާރަތްކޮށްފައެވެ.
މިމައުރަޒްގެ ސަބަބުން، ވިޔަފާރިތަކަށާ ފަތުރުވެރިކަމުގެ ދާއިރާއަށް ތަކެތި ތަޢާރަފުކުރުމަށާއި، އައު ކަސްޓަމަރުންގެ އިތުރުން އައު އިންވެސްޓަރުން ހޯދުމަށް ފަހި ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
މި އަހަރުގެ މައުރަޒަކީ ވޭތުވެދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅައިބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއި އެކު ކުރިއަށްދާ މައުރަޒެކެވެ.
މައުރަޒްގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 321 އަމިއްލަ ފަރުދުންނެވެ. މީގެ އިތުރުން 75 ވިޔަފާރިއަކާއި، ޚާއްސަ އެހީއަށް ބޭނުންވާ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި، ޖަމްޢިއްޔާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ފާހަގަކޮށްލެވޭ ބައިވެރިވުމެއް ދައްކުވައިދީފައެވެ.

