ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަޤާމަށް ދިޔާނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ ދިޔާނާއަކީ އެ މަޤާމަށް ގާބިލު، އަދި ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ.
ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައިވާއިރު، މިއަދު ނެގި ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ރުހުމާއެކީ ދިޔާނާ އެ މަގާމަށް އައްޔަން ކުރުމަށް ވަނީ ރުހުން ދީފައެވެ. ދިޔާނާ ސަޢީދަކީ ދައުލަތުގެ މަތީ މަޤާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައިވާއިރު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. ސަފީރުކަމުގެ މަޤާމަށް އައްޔަންކުރަން ރުހުން ދިނުމުގެ ކުރިން، ދިޔާނާ ހުންނެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ. އެ މަޤާމަށް އޭނާ އައްޔަންކުރެއްވީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު، ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށްވެސް މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ. ސަރީރަށް ރުހުން ދިނުމަށް ފާސްވީ 53 މެންބަރުންގެ ވޯޓުންނެވެ.

