ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލް ސެންޓަރެއްގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށުމަށް ނިންމައިފިއެވެ.
އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާމިނަތު ޝިރުނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ކޯލް ސެންޓަރެއް ހުޅުވުމުން އެ އެޖެންސީގެ ކޯލް ސެންޓަރުގެ ޚިދުމަތްދޭ ވަގުތު އިތުރުވެ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އަދި އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް އޮޅުންފިލުވޭނެއެވެ.
މިހާރުވެސް އެންސްޕާގެ ގިނަ ޚިދުމަތްތަކަށް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "ވާނު" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންބަފައިންނަށް ދޭ އެހީއާއި، ކާބޯތަކެތީގެ އެހީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީގެ އިތުރުން ތެލެސީމިއާ އެލަވަންސް ފަދަ ޚިދުމަތްތައް ހިމެނެއެވެ.
އައްޑޫ ސިޓީގައި އަލަށް ހުޅުވާ ކޯލް ސެންޓަރާއެކު، މައުލޫމާތު ހޯދުމާއި ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އެންސްޕާގެ ޕްރޮގްރާމްތަކުގެ ދަށުން އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެ އެޖެންސީން އުންމީދު ކުރެއެވެ.

