ރަސްމާލޭގައި އީގަލްސް ހިލްސުން ހިންގުމަށް ހަމަޖެހިފައިވަ ރިއަލް ސްޓެޓް މަޝްރޫޢުގެ ދަށުން ބިން ކުއްޔައް ދިނުމުގައި އެއްވެސް މުޢާމަލާތެއްގައި ކުލީގެ މުއްދަތު އައުވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި އަދި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިކަން ހާމަ ކޮއްފައިވަނީ ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގް އެންޑް އާބަން ޑިޕޮލޮމަންޓަށް ފޮނުއްވި ސިޓީ އަކާއި ގުޅިގެން އެ މިނިސްޓްރީން ދިން ރަސްމީ ޖަވާބުގައެވެ.
މިނިސްޓްރީން ދިން ޖަވާބުގައި ބަޔާން ކޮށްފައި ވަނީ ބިން ކުއްޔައް ދިނުމުގެ އެންމެހާ ކަންކަން ކުރިއަށް ދާނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ގަވައިދު ތަކާއި އެއްގޮތައް ކަމަށެވެ. އަދި އެއްވެސް ތަނެއްގެ ކުލި އޮޓަމެޓިކުން މުއްދަތު އާވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި އެކި ބޭނުންތަކަށް ދައުލަތުގެ ބިމާއި ފަޅު ކުއްޔައް ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށް ވެސް މި ޖަވާބުގައި ވެއެވެ.
މިނިސްޓްރީން ދިން ޖަވާބުގައި އިތުރަށް ބަޔާން ކޮއްފައިވާ ގޮތުން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް ސްޓޭޓް މަޝްރޫއު ހިންގުމަށް އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް އިންޓަނޭޝަނަލް ޕްރޮޕަޓީސް އާއި އެކު މިހާރު ހަދާފައިވާ ކޮންޓްރެކް ނެގޯޝިއޭޓްކޮށް ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމް ވޯކް ހިމެނޭ"ކޮމާޝަލް ޓާމް " އެއްބަސްވުމެއް ކަމަށެވެ.
މި މަޝްރޫއު ހިންގަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށައަޅާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސް އާ އެއްގޮތައް ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
މި އެއްބަސްވުމުގައި ވާ ގޮތުން މާލީ ގޮތުން ބޮޑެތި މަންފާތަކެއް ދައުލަތައް ލިބެމުންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ޕްރިމިއަރ ގޮތު ގައި ޑިވޮލޮޕަރުގެ ޖުމްލަ އާމްދަނީ ގެ 10 އިންސައްތަ (ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު)ލިބޭނެކަމަށް އަންދާޒަ ކުރެވޭ އިރު އޭގެ ތެރެއިން500 މިލިއަން ޑޮލަރު ސަރުކާރުގެ ހައުސިންގް މަޝްރޫޢު ތަކަށް އެޑްވާންސް ކޮށް ޚަރަދު ކުރުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި މީގެ އިތުރުން ރަސްމާލެއިން ވިއްކާ ޔުނިޓްތަކުގެ މާކެޓް އަގު ގެ ހަތަރު އިން ސައްތަ ކޮންމެ މުޢާމަލާތަކުން ސަރުކާރަށް ލިބިގެން ދާނެއެވެ. ހަމަ އެއާ އެކު ފަަތުރުވެރިކަމުގެ ސިނާއަތާއި ޚިލާފަށް މި މަޝްރޫއަށް އެއްވެސް އިންޕޯޓް ޑިޔުޓީއެއް މާފް ނުކުރާނެ ކަމަށާއި ހުރިހާ މާލީ މުޢާމަލާތެއް ހިންގަނީ ރާއްޖޭގައި ޤާއިމް ވެފައިވާ ބެންކްތައް މެދުވެރިކޮށް ކަމަށްވާތީ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓިގެން ދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

