logo

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން އިސްލާހެއް

އާމިނަތު މޫސާ
39 މިނިޓު ކުރިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފަށާފަ އެވެ.

ބިލް ހުށަހަޅަމުން މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ މި އިސްލާހާއެކު ބޭރުގެ ބުކިން ޕްލެޓްފޯމްތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ވެއްދޭނެ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާން ކުރުން ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނާން ޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ބިލު ފާސްކޮށް އެ އިސްލާހުތައް ގާނޫނަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު އަހަރަކު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މި ބިލުގައި ޖީއެސްޓީ ނަގަން ހިމަނާފައިވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުތަކެވެ. މީގެ އިތުރުން، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުގައި ބުނާގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ އެކަކުން ފެށިގެންނެވެ.

ad