logo

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީއަށް ފުރާވަޑައިގެންފި

މަރްޔަމް
7 ގަޑިއިރު ކުރިން

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 14 ގެ ނިޔަލަށް ކުރިޔަށްދާ ކޮޕް ސަމިޓް އޮންނާނީ ތުރުކީވިލާތުގެ އަންތާލިޔާގައެވެ.


މި ދަތުރުފުޅުގައި ރައީސް ދިވެހިރާއްޖޭގެ ފަރާތުން، ޤައުމީ ބަޔާން އިއްވަވާނެކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ.


ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީހީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.


މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ad