logo

ރަސްމާލެ މައްސަލާގައި އެމްޑީޕީއާ ޕީއެންއެފް އޮތީ އެއްގަލަކަށް އަރާފައި

މަރްޔަމް
5 ގަޑިއިރު ކުރިން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދޭން ނިންމާފައިވާ މައްސަލައިގައި އެމްޑީޕީ އާއި ޕީއެންއެފް އޮތީ އެއްގަލަކަށް އަރާފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރަސްމާލެ މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދިފަހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށާއި މިކަމުގައި އެމްޑީޕީ އާއި ޕީއެންއެފް އޮތީ އެއްގަލަކަށް އަރާފައި ކަމަށެވެ. އަދި މި މަޝްރޫއުއަށް ދުވަހަކު ވެސް ތާއީދާއި ރުހުން ނުލިބޭނެ ކަމަށާއި މި މަޝްރޫއު މިހާރު ހިންގަން ރާވާފައިވާ ގޮތަށް ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ރައީސް މުޢިއްޒު ވެރިކަމުގެ ތަޚުތު ހުވަފެނުން ވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ، ރަސްމާލެ މަޝްރޫއު ހުއްޓަވާލައްވައި އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިހާތަނަށް ކުރެވިފައި ހުރި ކަންކަމުގެ ސަބަބުން ރައީސް މުޢިއްޒު ލަދުބޮޑުވެވަޑައިގަންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ނަމަ، މިކަމުގައި ރައްޔިތުންގެ ވޯޓަކަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، އެ މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަ ކަމަށް ރައްޔިތުން ނިންމައިފި ނަމަ، ރައީސް މުޢިއްޒަށް ވެސް އެ މަޝްރޫއު ހުއްޓާލުމަށް ބަހަނާއެއް ލިބިގެންދާނެ ކަމަށާއި، ރައްޔިތުން ނޫނެކޭ ބުނެފި ހިނދެއްގައި އެ މަނިކުފާނަށް ވެސް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ad