ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުން ޓްރާންސް މޯލްޑިވިއަން އެއާވޭސް، ޓީއެމްއޭގެ ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި ދިމާވި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު، އެމްޓީއެސްބީ އިން ތަހުގީގު ކުރަން ފަށައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ހަވީރު ހިނގި ހާދިސާގައި ސީޕްލޭންގެ ކެބިން ކްރޫއަކަށް ސީރިއަސް އަނިޔާތަކެއް ވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އަނިޔާ ލިބުނީ ކިހިނެތް ކަމެއް އަދި ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭގެ ސަބަބުން ބޯޓު ވަރަށް ބޮޑަށް އަރި އަޅައިލިއިރު އިރު، ސީޕްލޭންގައި ކްރޫންނާއެކު ފަތުރުވެރިން ވެސް ތިއްބެވެ.
އެމްޓީއެސްބީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލް ފުރަން އުޅުމުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސީޕްލޭނެއް ޑޮކްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑަކަށް އަނިޔާވި ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އަދި އެ އިދާރާއިން މިހާރު އެ ހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށާއި، އިތުރު މައުލޫމާތު ކަށަވަރުވަމުންދާ ވަރަކުން ހާމަކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

.jpg&w=3840&q=75)