މިވަގުތު ހުސްކޮށް އޮތް ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑިއަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާންގައިވަނީ، ބުނެފައިވަނީ ތިނަދޫ ކައުންސިލް ރައިސްކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވެހުގެ މެންދުރު 2 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފަވާނެ ކަމަށެވެ.
މި އިއުލާނުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 2:00 ޖެހުމާ ހަމައަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30އިން ފެށިގެން އިރުއޮއްސި 6 އެއް ޖަހަންދެން އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަންނާނެ ކަމަށް ވެސް އިއުލާންގައި ބުނަފައިވެއެވެ.
މީގެ އިތުރުން، ބައި-އިލެކްޝަން އޮންނާނީ ނޮވެމްބަރ މަހުގެ 28ވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފަވެއެވެ.
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީގެ ގޮނޑި ގެއްލުނީ ކައުންސިލްގެ މި ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅުމާ ގުޅިގެންނެވެ. މިހާރު އުވައިލައިފައި އޮތް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ޝުޖާޢުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.

