ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ޑައިވިންގ ހާދިސާތަކުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި، އުފުލައިގެން ގެންދެވޭ ޕޯޓަބަލް ހައިޕަރބަރިކް ޓްރާންސްޕޯޓް ޔުނިޓެއް "ހައިޕަރބަރިކްސް ޔޫރަޕް" އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކޮށްފިއެވެ.
މި ޔުނިޓާ އެމްއެންޑީއެފްގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިންޓަގްރޭޓެޑް ހެޑްކުއާޓަރޒްގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް މިފަދަ އަގުހުރި ޔުނިޓެއް ހަދިޔާކޮށްދެއްވި ކަމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ހައިޕަރބަރިކްސް ޔޫރަޕަށް ޝުކުރު އަދާކުރައްވާފައެވެ.
މި ޕޯޓަބަލް ހައިޕަރބަރިކް ޓްރާންސްޕޯޓް ޔުނިޓަކީ ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ (އެޗްބީއޯޓީ) ބޭނުންވާ ބަލިމީހުންނަށް، އެކަށީގެންވާ ޕްރެޝަރުގައި ފަރުވާދެމުން އެއްތަނުން އަނެއްތަނަށް އުފުލުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތެކެވެ. މިއީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި، މީހުން ސަލާމަތްކޮށްގެން ރައްކާތެރިކަމާއެކު އެހެން ތަނަކަށް ގެންދަންޖެހޭ ދަނޑިވަޅުތަކުގައި ބޭނުންކުރުމަށް ނުހަނު އެކަށީގެންވާ އެއްޗެކެވެ.
މި ޔުނިޓްގެ އެހީގައި، ވައިގެ ފިއްތުން (އެޓްމޮސްފެރިކް ޕްރެޝަރ) އާދައިގެ މިންވަރަށްވުރެ މަތިން %100 ސާފު އޮކްސިޖަން ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން، ޑައިވިންގ ކުރުމުގެ ތެރޭގައި ދިމާވާ ޑީކޮމްޕްރެޝަން ސިކްނެސް ފަދަ ހާދިސާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ލިބޭ އަނިޔާތަކަށް ވަގުތުން ވަގުތަށް ފަރުވާ ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އެމްއެންޑީއެފްއިން ބުނީ، އަލަށް ލިބުނު މި ޕޯޓަބަލް ޗެމްބަރަކީ ކަނޑުއަޑީގެ ހާދިސާތަކުގެ އިތުރުން ތަފާތު ސިއްޙީ ކުއްލި ހާލަތްތަކުގައި ވެސް ބަލިމީހުން ރައްކާތެރިކަމާ އެކު އުފުލުމަށް މަގުފަހިކޮށްދޭނެ މުހިންމު އާލާތެއް ކަމަށާއި އަދި މީގެ ސަބަބުން، ޕްރެޝަރު ކޮންޓްރޯލް ކުރެވިފައިވާ މާޙައުލެއްގައި ބަލިމީހާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު، އަދި ޑައިވިންގ ފަދަ ކުޅިވަރުތައް އާންމު ޤައުމެއްގައި މިފަދަ ވަސީލަތެއް ހުރުމަކީ ސިފައިންގެ އިމަޖެންސީ އަދި ސަލާމަތީ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ނުހަނު ބޮޑުކުރިއެރުމެއްކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

