ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ހިއްކުމަށް ހަމަޖެހިފައިވާ 167.15 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، އެއީ މުޅި މަޝްރޫޢުގެ %68.8 ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ސޯޝަލް މީޑިއާގައި ހާމަކޮށްފިއެވެ.
މިހާރު ކުރިއަށްދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރަމުން ދަނީ "ކުއީން އޮފް ދަ ނެދަލަންޑްސް" ޑްރެޖަރުންނެވެ.
ނެދަލަންޑްސްގެ ޑްރެޖިންގ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އިން އޮޕަރޭޓްކުރާ ބޮޑު ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރ، "ކުއީން އޮފް ދަ ނެދަލަންޑްސް" އަކީ ރާއްޖޭގެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި ބޭނުންކުރަމުން އަންނަ އުޅަނދެކެވެ. މިއީ ކަނޑުގެ އަޑިން ވެލި ނަގައިގެން، ބިން ހިއްކުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ވެލި އެޅުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
ގިރާވަރުފަޅަކީ ވެރިރަށް މާލެ ކައިރީގައި، ކާފު އަތޮޅު ސަރަޙައްދުގައި އޮންނަ ފަޅެކެވެ. އެ ފަޅުން ހިއްކުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑު ބައެއް މިހާރު ހިއްކިފައިވާއިރު، 167.15 ހެކްޓަރުގެ ލަނޑުދަނޑި ހާސިލުކުރުމަށް ގިރާވަރުފަޅު މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.



