ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިމާރާތްތަކާއި ދުއްވާ އެއްޗިއްސަށް ގެއްލުންދީ، ފިހާރަތައް ލޫޓުވުމަށް ގޮވާލި އެމްޑީޕީގެ އެކްޓިވިސްޓު އަލީ ޖުމަން (ޑެތު) ގެ ބަންދަށް 12 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި ކުއްޅަވައްގެ / ހއ. ބާރަށް، ޖުމަން 25، ބަންދުގައި ބަހައްޓަން ނިންމީ ދިވެހި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓާއި "އެކްސް" އެކައުންޓުން ކުރި ޕޯސްޓާ ގުޅޭ ރިޕޯޓާއި ހައްޔަރުކުރި ބަޔާނާ ގުޅިގެން ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެއްކެއް ކޯޓަށް ހުށަހަޅާފައިވާތީއެވެ.
ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ޖުމަން ބަންދުގައި ބެހެއްޓުމަށް ނިންމީ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ޖުމަން ހައްޔަރުކުރިއެވެ. އެކަމަކު، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފައެވެ.
އޭގެ ފަހުން، ބޭއްވި މުޒާހަރާތަކުގައި ވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އޭނާ ގޮވާލާފައިވެއެވެ.

