logo

އަބުރުގެ ބިލަކީ ރަސްމާލެ ވިއްކާލާ ވާހަކަ ހުއްޓުވަން ހުށަހެޅި ބިލެއް: މައުރޫފް

މަރްޔަމް
10 ގަޑިއިރު ކުރިން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަކީ ރަސްމާލެ ވިއްކާލާ ވާހަކަ ދެއްކުން ހުއްޓުވުމަށާއި، ދޮގުވެރިންނާ ދިމާލަށް ދޮގު ހަދަނީއޭ ބުނުން ކުށަކަށް ހަދައި ރައްޔިތުންނަށް ބިރުދެއްކުމަށް ހުށަހެޅި ބިލެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އަބުރުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ކުއްލިއަކަށް މި ދަނޑިވަޅުގައި މި ބިލު މަޖިލީހަށް ފޮނުވުމުގެ ފަހަތުގައި ރަސްމާލެ މަޝްރޫއުގެ ވާހަކަ އާއި ދޮގުވެރިންގެ ވާހަކަ ދެއްކުން ހުއްޓުވުމުގެ އިތުރުން އެއްވެސް މަގުސަދެއް ނެތް ކަމަށެވެ.

އެގޮތުން ގައުމު ބަނގުރޫޓުކޮށްލުމަށްފަހު، ސަރުކާރުން މިހާރު ރަސްމާލެއާއި ރާއްޖޭގެ ފަޅުތަކާއި ފަރުތައް ވިއްކާލަމުންދާ ވާހަކަ ދެއްކުމުން އެއީ އަބުރާ ބެހުން ކަމަށް ކަނޑައަޅަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަބުރާ ބެހުމަކީ ބޮޑު ކުށަކަށް ހަދައި، ޖޫރިމަނާކޮށް ޖަލަށް ލެވޭ ގޮތަށް މި ބިލު ފަރުމާކޮށްފައިވާއިރު، މަޖިލީހުގެ މެންބަރުންނަށްވެސް އަދަބު ލިބޭ ގޮތަށް މާއްދާތައް ހިމަނާފައި އޮތުމުން ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމު ބަނގުރޫޓު ކޮށްލާފަ ނޮޅައި ކައި ވީދާ ހުސްކޮށްލާފަ ދެން މި ވިއްކާލަނީ ފަޅުތަކާ ފަރުތައް. އެ ތަންތަން ވިއްކާލާފަ ދެން އެ ވިއްކާލާ ވާހަކަ ދެއްކީމަ ތި ހަދަނީ ގޯހެކޭ ބުނީމަ އެ ވަނީ އަބުރަށް އަރައިގަތީ ކަމަށް. މިކަހަލަ އިހުތިރާމެއް އަޅުގަނޑުމެން ބޭނުމެއް ނޫން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ, އަބުރާ ބެހިގެން ރައްޔިތުން ޖަލަށް ލެވޭނެ ކަމަށް ހީކޮށް މިފަދަ ގާނޫނުތައް ފާސްކުރުމަކީ އެއްވެސް ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިސާލެއްގެ ގޮތުން "ހަސަން ކުރުސީ" ޖަލަށް ނުލެވިގެން އުޅޭ މައްސަލައަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ، އެކަން ހުއްޓުވަން އުޅެ ނުވެގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުވެސް މިހާރު އަނގައިން ނުބުނެ ހުއްޓާލާފައިވާ ކަމަށެވެ.

"ރައްޔިތުން ނުކުމެ ދޮގުވެރިޔަކާ ދިމާލަށް ދޮގު ހަދަނީ އޭ ބުނީމައި މިއަދު އެ ކުށަކަށް ހަދަނީ. ކާކަށް އޮޅުވާލަންތޯ މި އުޅެނީ؟ ހެއްދެވި ފަރާތް ދެކެ ބިރު ނުގަންނަނީތޯ؟ މިކަހަލަ ކަންކަން ކޮށްގެން ސަލާމަތްވާނެ ކަމަށް ހީނުކުރައްވާތި،" މަޖިލީހުގެ ތަޅުމުގައި މިއަދު މައުރޫފް ވިދާޅުވިއެވެ.

މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ އަބުރުގެ ބިލުގައި ވަނީ ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.

އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.

އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.

އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ad