މިއަދުގެ ދުނިޔޭގައި އިންޖީނުލީ އުޅަނދުތަކުގެ ބޭނުން އިތުރުވެ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ބައިސްކަލަކީ މި ހުރިހާ މައްސަލަތަކަށް ޙައްލެއް ގެނެސްދޭނެ ވަސީލަތެކެވެ. ބައިސްކަލު ދުއްވުމަކީ ތިމާވެށްޓާ ރައްޓެހި، ސިއްޙަތަށް ފައިދާހުރި އަދި އިޤްތިޞާދީ ގޮތުން ވެސް ފައިދާ ކުރަނިވި ކަމެކެވެ.
ތިމާވެށްޓަށް ކުރާ ފައިދާ
ބައިސްކަލަކީ ތިމާވެށްޓާ އެންމެ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެވެ. ކާރާއި ސައިކަލު ފަދަ އިންޖީނުލީ އުޅަނދުތަކުން ބޭރުކުރާ ވިހަ ގޭސްތަކަކީ ޖައްވު ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައިގަނޑު އެއް ސަބަބެވެ. ބައިސްކަލު ދުއްވުމުން މިފަދަ އެއްވެސް ގޭހެއް ޖައްވަށް ބޭރެއް ނުވެއެވެ. މީގެ އިތުރުން، ބައިސްކަލު ޕާކުކުރުމަށް ބޭނުންވަނީ ވަރަށް ކުޑަ ޖާގައެކެވެ. މިއީ ޚާއްޞަކޮށް ރާއްޖެ ފަދަ ބިން ކުޑަ ޤައުމުތަކުގައި އަދި މިހާރުވެސް ވެހިކަލް ޕާކްކުރާނެ ޖާގައެއް ނެތިގެން އުޅޭ ވެރިރަށް މާލެ ސިޓީ ފަދަ ރަށްތަކުގައި ވަރަށް މުހިންމު ކަމެކެވެ.
ސިއްޙީ ފައިދާތައް
ބައިސްކަލު ދުއްވުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ. މިއީ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމާއި، ހަކުރު ބަލި އަދި ފަލަވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ގަވާއިދުން ބައިސްކަލު ދުއްވުމުން ހަށިގަނޑުގެ ފިޓްނަސް ރަނގަޅުވެ، ހަކަތަ އިތުރުވެ، ނިދުމުގެ ކޮލިޓީވެސް ރަނގަޅުވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވާ ރަނގަޅު ކަސްރަތަކަށްވެސް ބައިސްކަލު ދުއްވުން ވެއެވެ.
އިޤްތިޞާދީ ފައިދާ
ބައިސްކަލު ދުއްވުމުން އިޤްތިޞާދީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ކުރެއެވެ. އެގޮތުން ތެލުގެ އަގާއި، މެއިންޓަނަންސް ޚަރަދު، އިންޝުއަރެންސް އަދި ޕާކިންގ ފީ ފަދަ ޚަރަދުތަކުން ސަލާމަތްވެއެވެ. މީގެ އިތުރުން، ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން މަގުމަތީގައި ތާށިވެ، ގެއްލޭ ވަގުތު ސަލާމަތްވެ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެއެވެ.
އިޖްތިމާޢީ ފައިދާ
ބައިސްކަލު ދުއްވުމުން އިޖްތިމާޢީ ގޮތުން ވެސް ފައިދާތަކެއް ކުރެއެވެ. މަގުމަތީގައި ދުއްވާ އުޅަނދުތައް މަދުވުމުން، މަގުމަތި އަމާންވެ، ޓްރެފިކް ތޮއްޖެހުން މަދުވެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން އިތުރުވެއެވެ. ވަށައިގެންވާ މާހައުލުގެ އަޑު މަޑުވެ ހިމޭންކަން އިތުރުވެ މުޖުތަމަޢުގެ ދުޅަހެޔޮކަންވެސް އިތުރުވެއެވެ.
ބައިސްކަލު ދުއްވުމަށް ހިތްވަރުދިނުން
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބައިސްކަލު ދުއްވުމަށް ހިތްވަރުދޭން ޖެހެއެވެ. މީގެ ތެރޭގައި މަގުތަކުގައި ބައިސްކަލު ލޭންތައް ޤާއިމުކުރުމާއި، ބައިސްކަލު ޕާކުކުރާނެ ރައްކާތެރި ތަންތަން ޤާއިމުކުރުމާއި، ބައިސްކަލު ދުއްވުމުގެ ފައިދާތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.
ބައިސްކަލު ދުއްވުމަކީ ތިމާވެށްޓަށާއި، ސިއްޙަތަށާއި، އިޤްތިޞާދަށް އަދި މުޖުތަމަޢަށް ވެސް ވަރަށް ފައިދާހުރި ކަމެކެވެ. އަޅުގަނޑުމެން އެންމެން ވެސް ވީވަރަކުން ކާރާއި ސައިކަލުގެ ބަދަލުގައި ބައިސްކަލު ބޭނުންކުރަން މަސައްކަތް ކުރަމާތޯއެވެ. މި ބަދަލު ގެނެވިއްޖެ ނަމަ އަދި އާދަ އާލާ ކުރެވިއްޖެނަމަ، މިއީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ކޮށްދެވޭނެ ބޮޑުޚިދުމަތަކަށް ވާނެއެވެ.

.jpg&w=256&q=75)
