logo

ދިއްދޫ އެއާޕޯޓް ތަރައްގީކުރާ ބިން ހިއްކައި ނިމިއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ހއ. ދިއްދޫގައި އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މުޅިން ނިމިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ދިއްދޫގައި އެއާޕޯޓެއް ބިނާކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހު ފެށި މި މަސައްކަތް ހަލުވި ދުވެލީގައި ނިންމާލެވުމަކީ އެ ސަރަޙައްދުގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުންކުރި ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓް އެޅުމުގެ އިތުރުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި، އިޤްތިޞާދީ ތަފާތު މަސައްކަތްތައް ހިންގުމަށްވެސް ބިން ކަނޑައެޅުމަށެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ދިއްދޫ އެއާޕޯޓާއެކު އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ދިއްދޫގެ އިތުރުން ކައިރީގައިވާ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެއެވެ. ހއ. އަތޮޅުގައި މިހާރު ހިދުމަތް ދެމުން އަންނަނީ ހޯރަފުށީ އެއާޕޯޓުން އެކަނި ކަމަށްވާއިރު، ދިއްދޫ އެއާޕޯޓަކީ މުޅި އަތޮޅުގެ އިޤްތިޞާދީ ޗާޓަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މި އެއާޕޯޓަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 އެއާޕޯޓް ތަރައްޤީކުރުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ޕްލޭންގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ad