logo

އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައިފި

އާމިނަތު މޫސާ
11 ދުވަސް ކުރިން

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އައި މަތީ ފަންތީގެ ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ހުޅުވައިފިއެވެ.

އިއްޔެ މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާމްކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިއީ އައްޑޫގެރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެކެވެ

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވުމަކީ އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށެވެ. މި ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުން ވަނީ ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރިސޯޓަށް ޒިޔާރަތްކޮށް މަރާމާތުތައް ދެނެގަތުމާއި، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އެ ރިސޯޓަށް ޒިޔާރަތް ކުރައްވައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިނިސްޓްރީން ބުނީ ޝަންގްރިއްލާ ރިސޯޓު ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން އައްޑުގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ad