އުސޫލާއި ހިލާފަށް ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭ ގޮތަށް ހުޅުމާލެ އިން ޕާކިން ސްލޮޓްތައް ވިއްކަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް އެޗްޑީސީން މިއަދު ދޮގުކޮށްފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް އާންމުކޮށް ހުޅުވާލައިގެން އިއުލާން ކުރިއިރު، ހުޅުވާލެވުނު ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލި ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާތީ، އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް ޝަރުތުހަމަވި ފަރާތްތަކުގެ ލިސްޓު އާންމުކޮށް ފެންނާނެހެން ޝާއިއުކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
އެގޮތަށް އާންމުކޮށް އިއުލާންކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މިކަމާ ގުޅޭ ގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދިއުމަކީ އެ ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެޗްޑީސީގެ ބަޔާނުގައި ވަނީ ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު އާއްމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

