މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15ގައި ފިޠުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ބުނެފިއެވެ.
މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ. ޒަކާތް ހައުސްއިން ބުނީ ފެބްރުއަރީ މަހުގެ 18 އިން ފެށިގެން މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،482،171 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.
ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މިއަހަރުވެސް ފިތުރު ޒަކާތް ބަހާނީ ހުރިހާ ފަގީރުންނަށް އެއްހަމަކޮށްކަމަށް، ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފައެވެ. މީގެކުރިން ޒަކާތް ބަހަމުން އައިސްފައިވަނީ ކޮންމެ ރަށަކުންވެސް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެރަށެއްގެ ބެލެނިވެރިންނަށެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހަން ނިންމާފައެވެ.

