logo

މަޖިލިސް ކައިރީގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅިގެން، މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާ ގުޅިގެން، މަޖިލިސް ސަރަހައްދު ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް މަގުތައް ހުސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން 4 ފެބްރުއަރީ ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން އެ ސަރަހައްދުތަކުން އުޅަނދުތައް ނަގައި ހުސްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ ހުސްކުރަންޖެހޭ މަގުތަކުގެ ޗާޓެއް ވެސް އާންމުކޮށްފައެެވެ.

އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރެއެވެ. ފުލުހުން ބުނީ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، މާދަމާ އޮންނާނީ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި ކަމަށް ވެސް މަޖިލިހުގެ އިދާރާ އިން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.

ad