logo

ރަމަޟާންމަހަކީ، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ރަމަޟާން މަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓާލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި، އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ނަޞްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ރަމަޟާން މަހުގެ، ޚާއްޞަކޮށް ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނަންވީ ދުވަސްތަކެއް ކަމަށެވެ.

ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެއްކަން ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ. أمّ المُؤْمِنِّنَ عَالِشَة رضي ﷲ عَلَّهَاءُ އަރިހުން ރިވާވެގެންވެއެވެ. "ރަމަޟާންމަހުގެ ފަހުދިހައަށް އެޅުމުން ރަސޫލުﷲ އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ. އަދި އެ ރޭތައް އިޙުޔާކުރައްވައެވެ. އަދި އަޅުކަންކުރެއްވުމަށް އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައެވެ." އަދި ވެސް އެކަމަނާގެ އަރީހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގެންފުމަށް ދާންދެން ރަމަޝާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ރޯދަމަހުގެ ކާމިޔާބީ ހޯދަން ބޭނުންވާ މީހާ ލައިލަތުލްޤަދުރި ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެފައިވާ އަބާއްޖަވެރިއެއް ކަމުގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނަކަށްވާއިރު، ރާއްޖޭގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނަށާއި ބިދޭސީންނަށް އިޙުސާންތެރިވުމަށް ޚުތުބާގައި ނަޞޭހަތްތެރިވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން، ފަތުރުވެރިންނަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭނެ ކަމަށާއި، ނަމަވެސް އާންމުންގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ފަތުރުވެރިން އާންމުންގެ ތެރޭގައި އުޅޭއިރު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭގޮތަށް އުޅުމަށް އިރުޝާދު ދިނުމަށް ކައުންސިލްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް އިލްތިމާސްކުރައްވަމުން ޚުތުބާގައި ބުނީ، ބަރަހަނާ މަންޒަރުތަކުން ކުޑަކުދިންނާއި މުޖުތަމަޢު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން މިފަދަ ޤަވާޢިދުތައް ތަންފީޒުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ޚުތުބާ ނިންމާލަމުން، ރޯދައިގެ ތެރޭގައި ކުރެވޭ ކުށްތަކާއި ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުންނާއި ފަޤީރުންނަށް އެހީތެރިވުމުގެ ގޮތުން ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަތުމަށް ނަޞޭޙަތްތެރިވިއެވެ. ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި، ޢީދު ނަމާދުގެ ކުރިން އެ ވާޖިބު އަދާކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.

ad