logo

ޑައިވިންއަށް ދިޔަ އިޓަލީ ފަތުރުވެރިންނަށް ދިމާވި ހިތާމަ ހާދިސާއާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާ، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުޢާކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިކަމަށްޓަކައި ކުރިއަށްގެންދާ ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، އިޓަލީވިލާތުގެ ރައީސަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ، އިޓަލީގެ ރައްޔިތުންނާ އެކުގައިކަމަށް ވިދާޅުވެފައެވެ.

ad