logo

ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ބިންގާ އަޅައިފި

އާމިނަތު މޫސާ
3 ދުވަސް ކުރިން

ނ. އަތޮޅުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާފައިވާއިރު މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ.

ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ މި ބިޔަ މަޝްރޫޢު ކުރިއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓަރ ވިދާޅުވިގޮތުން މި ޕްރޮޖެކްޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. އަދި އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށްވެސް ގިނަ ފައިދާތަކެއް ކުރާނެއެވެ.

މި ޓައުންޝިޕްގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި، އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް މި ސަރަހައްދުގައި ޤާއިމުކުރެވޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެއެވެ.

2028ވަނަ އަހަރުގެ ނިމުމުގެ ކުރިން ސަސްޓެއިނަބަލް ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭނެ ތަފާތު މަޝްރޫޢަކަށް ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫޢު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެކަމަށް ސަރުކާރުން ބުނެއެވެ.

ad