ހއ. ވަށަފަރު: ވަށަފަރު ޗެލެންޖަރސް ސްޕޯޓްސް ކުލަބުގެ ފުޓުބޯޅަ އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރުމުގެ ބޮޑު ރަސްމިއްޔާތު މިމަހުގެ 27 ވާ ހުކުރު ދުވަހު އެރަށު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމާއި ދުޅަހެޔޮ ޖީލެއްބިނާކުރުމާއި ކުޅިވަރުގެ ތެރެއިން ރިވެތި އަޚްލާޤް ދަސްކޮށްދިނުމުގެ މަޤްސަދުގައި އެރަށުގައި ހުޅުވޭ ފުރަތަމަ ފުޓުބޯޅަ އެކަޑަމީއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަނީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. ފޯރިގަދަ ރަސްމިއްޔާތު ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ޕްރެސެންޓަރ މުހައްމަދު ސައިފް ޒާހިރެވެ.
.png&w=3840&q=75)
ވަށަފަރު ޗެލެންޖަރސް އިން މަޢުލޫމާތު ދޭ ގޮތުގައި، މި އެކަޑަމީގައި އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭނެއެވެ. އަދި އެކަޑަމީގެ ތަމްރީނުތަކުގައި މުޅިއެކު 7 ކޯޗުން ހަރަކާތްތެރިވާނެއެވެ.
މި އެކަޑަމީ އިފްތިތާޙްކުރުމާ ގުޅުވައިގެން، އެކަޑަމީގެ ކޯޗުންނަށް އަމާޒުކޮށްގެން ޚާއްޞަ ޓްރޭނިންގ ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ރާއްޖޭގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބު އެކަޑަމީގެ ސީނިއަރ ކޯޗް އަލީ ފާރޫގު ހިންގަވާ މި ސެޝަންތައް މިމަހުގެ 27 އިން 28 އަށް ވަށަފަރުގައި ކުރިއަށްދާނެއެވެ.

ވަށަފަރަކީ ރާއްޖޭގެ ފުޓްސަލްގެ މައިދާނުގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ރަށެކެވެ. އެގޮތުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ. އަތޮޅު ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާއިރު، އެއް ފަހަރު ޒޯން ޗެމްޕިއަންކަން ވެސް ވަނީ ހޯދާފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލްގައި ކުޅެފައިވާ ވަށަފަރުން ވަނީ 2023 ވަނަ އަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
އަލަށް އުފެދޭ މި އެކަޑަމީގެ ސަބަބުން ވަށަފަރުގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގޮސް، ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.

