ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަސާސީ ކާބޯތަކެތީގެ 23 ބާވަތް ވިއްކުމަށް ހާއްސަ ކުރެވިފައިވާ އައު ހޯލްސޭލް ސެންޓަރެއް ހުޅުވައިފިއެވެ.
"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2" ގެ ނަމުގައި ހުޅުވުނު މި ފިހާރަ ހުޅުވާފައިވަނީ ޑިސެންބަރ 1، 2025 ގައެވެ.
ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު މި 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފެށިގެން މާލޭގައި ގާއިމްކޮށްފައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އާންމުންނަށް ލިބެން ހުރެއެވެ. މި އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުވުނު އައު ސެންޓަރު ގާއިމްކުރެވިފައިވަނީ މާލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގައި ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުރި ތަނުގައެވެ.
މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ އެހެނިހެން ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައްވެސް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މި ތަކެތި ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް މި ސެންޓަރުގެ މުހިންމު މަޤްސަދެކެވެ.
މި އައު ހޯލްސޭލް ސެންޓަރުގެ ސަބަބުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށްވެސް ފައިދާ ކުރާނެއެވެ. އެގޮތުން، އެސްޓީއޯއިން ވަނީ ދަނޑުވެރީން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅޭ ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެސްޓީއޯއިން ވިއްކާ މުދާތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ

