logo

ނޭޕާލް ގެ އާ ޚާރިޖީ ވަޒީރަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
12 ގަޑިއިރު ކުރިން

ނޭޕާލްގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އޮނަރަބަލް މރ. ސިޝިރް ކަނާލް ޢައްޔަން ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި ވަނީ ނޭޕާލުގައި ބޭއްވި ކާމިޔާބު އިންތިޚާބަކަށްފަހު، ޚާރިޖީ ވަޒީރުގެ މަޤާމަށް މަނިކުފާނު ޢައްޔަންކުރެއްވުމާ ގުޅިގެން މަނިކުފާނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަވާކަމަށެވެ.

އަދި އެ މަނިކުފާނު މަޤާމާއި ހަވާލުވީ ނޭޕާލްގެ ޑިމޮކްރެސީއަށް ވާސިލުވުމަށް ކުރާ ދަތުރުގެ ވަރަށް މުހިއްމު ވަގުތެއްގައިކަމަށާއި އެ މަނިކުފާނުގެ ތަޖުރިބާ އާއި ހިންގުންތެރިކަމުގެ ސަބަބުން ސަރަޚައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ނޭޕާލުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނޭކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޚްތިރާމާއި ސައުތު އޭޝިއާގެ ސަރަޚައްދީ ޤައުމެއްގެ ގޮތުގައި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އަސާސްތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށް ކަމަށާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގާތް ގުޅުން ޙާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބޭ ހިދުމަތްތައް ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މައިގަނޑު އެއް ދާއިރާގެ ގޮތުގައިކަމަށްވެސް ޚާރިޖީ ވަޒީރު ޚަލީލް ފާހަގަކުރެއްވިއެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން އިސްކަންދޭ ކަންތައްތަކުގައި ސަރަޚައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށްކަމުގައި ޔަޤީންކަން އަރުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޚަލީލުގެ މެސެޖު ނިންމަވާލައްވާފައިވަނީ ނޭޕާލްގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދެމުންނެވެ.

ad