logo

ރީ-ރަޖިސްޓްރޭޝަނަށް އިތުރު ފަސް ދުވަސް ދީފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މައި ދެ އިންތިޚާބު ކަމަށްވާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއެކު ބާއްވާނެކަން އާންމުކޮށް އިޢުލާނުކޮށް، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުން ރީ-ރަޖިސްޓްރީވާން މިއަދުން ފެށިގެން 5 ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީ ކުރި އިއުލާނުގައި ވަނީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ އާންމު ވޯޓާއި ދެ އިންތިހާބުގެ ވޯޓުލުން އޭޕްރިލް 4 ވަނަ ދުވަހުގެ 08:00 އިން 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާއެކުއެވެ. ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުގައެވެ.

އާންމުގެ ޚިޔާލު ހޯދުމުގެ އާންމު އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދާއިރު، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މިއަދު ހެނދުނު 10:00 އިން ފެށިގެން ފެބްރުއަރީ 22 ވާ އާދީއްތަ ދުވަހުގެ މެނދުރު ފަހު މެނދުރު ފަހު 3:00 އާއި ހަމައަށެވެ. ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެއެވެ.

ޤާނޫނޫ އަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ތަސްދީޤު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓު ނަގާއިރު، މި ވޯޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

މައި ދެ އިންތިޚާބު އެއްކޮށްލަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިޞްލާޙެއް ހުށަހެޅުއްވީ މިދިޔަ މަހުގައެވެ. އެ އިޞްލާޙުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. މި އިޞްލާޙު ތަޅުމުން ފާސްކޮށް، މައި ދެ އިންތިޚާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓު، ކައުންސިލު އިންތިޚާބާ އެކީ ބާއްވަން ރައީސްގެ ޤަރާރަކުން ވަނީ ނިންމަވާފައެވެ.

ad