ރަމަޟާންމަހުގެ ފަހު ދިހައަކާއި ފިޠުރު ޢީދުގެ މުނާސަބަތުގައި ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުކުރުމަށްފަހު، އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އޮފީސްތައް ހުޅުވި ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ވެސް ރަސްމީ ގަޑިއަކީ ރޯދަ މަހުގެ މަސައްކަތު ވަގުތެވެ. އެއީ ހަ ރޯދަ ހިފުމަށް ލުއި ދިނުމުގެ ގޮތުންނެވެ.
ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަނީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ އެވެ.
އެގޮތުން، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން، މި ފެށޭ ހަފުތާގައި ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ހަތަރު ގަޑިއިރުގެ ތެރޭގައެވެ.
މި ހަތް ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމު އުސޫލުން ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ބަދަލުވެގެންދާނެއެވެ.

