ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަރ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.
ބީއެމްއެލްއިން ބުނީ، އެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުން ކަމަށެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ.
ބީއެމްއެލްއިން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން އެ ބޭންކުން އަބަދު ވެސް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

