logo

ކެންސަރު ބައްޔައް ޙާއްސަ ސެންޓަރެއް އެޅުމަށް 2 ކުންފުންޏަކާއި ހަވާލުކޮށްފި

މަޒީ
12 ގަޑިއިރު ކުރިން

ކެންސަރު ބަލި ދެނެގަތުމާއި އެކަމަށް ޙާއްސަ ފަރުވާދޭ ސެންޓަރެއް ހެދުމުގެ އެމްއޯޔޫއެއްގައި ބޭރުގެ ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކުއަންޓަމްހައިޓްސް ލިމިޓެޑާއި، އިންޑިއާގެ އޭންވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއެވެ. އަދި މި މަސައްކަތް ހަވާލުކުރި ކޮންސޯޓިއަމްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ އެންޑް ޑިރެކްޓަރ ޗިންތަން ސޯނީއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސެންޓަރު ހަދަން ނިންމާފައިވަނީ ހުޅުމާލެ 2 ގައި ގާއިމްކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ތެރެއިންނެވެ. އެ ގޯތީގެ ތެރޭގައި ވަކިން ހަދާ ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް މި އަހަރު ފަށައި ޑިސެމްބަރު، 2028 ގައި އަމަލީ މަސައްކަތް ނިންމާނެ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބުނެފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި އެ ފަރުވާތަކަށް ބޭރު ގައުމުތަކަށް ދާންޖެހޭ އަދަދު މަދުކުރުމުގެ މަގުސަދުގައި ގާއިމްކުރާ މި ސެންޓަރު ހަދަނީ ބައްޔަށް ހާއްސަ ފަރުވާ އާއި އަސާސީ ކްލިނިކަލް އަދި އޮޕަރޭޝަނަލް އިންފްރާސްޓްރަކާއެކުގައި ކަމަށެވެ.

އެ ތަނުގައި އިމަޖެންސީ ރޫމާއި އައިސީޔޫ، އެޑްމިޓުކޮށްގެން ފަރުވާދޭ ވޯޑު، އޮޕަރޭޝަން ތިއޭޓަރު އަދި ހާއްސަ ޕްރޮސީޖާ ރޫމްތައް ހުންނާނެ އެވެ. މިތަނުން ދެ ޙިދުމަތްތަކުގެ ތެރެގައި ތްރީ-ޑައިމެންޝަނަލް ކޮންފޯމަލް ރޭޑިއޯތެރަޕީ، އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ، އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ، އެކްސްޓާނަލް ބީމް ރޭޑިއޯތެރަޕީ، ބްރެކީތެރަޕީ، ބްރެކީތެރަޕީ،ސީޓީ ސިމިއުލޭޝަން، ކެންސަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަމާއި އެހެނިހެން ހާއްސަ ޑައިގްނޯސްޓިކް އަދި ތެރަޕިއުޓިކް ފަރުވާތައްވެސް ހިމެނެއެވެ.

މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްދާ އެ މަސައްކަތުގައި ނިއުކްލިއާ މެޑިސިން އަދި ޕޮޒިޓްރޯން ފަދަ ޒަމާނީ ޑައިގްނޯސްޓިކް ޓެކްނޮލޮޖީތައް ހިމެނޭނެއެވެ.

އޭގެ އިތުރުން ބަލިން ފަސޭހަވާނެކަމުގެ އުއްމީދުކަނޑާލާފައިވާ މީހުންގެ ތަދުތަކަށް ފަރުވާ ދިނުމާއި މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި ފަރުވާ ރޭވުމަށް ހާއްސަ ނިޒާމުތައް ގާއިމްކުރާނެ އެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެ އިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބަކުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން މަޖުބޫރުވެ އެވެ.

ނަމަވެސް މި ސެންޓަރުގެ ޚިދުމަތް ފެށުމާއެކު، ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ޚާއްސަ ފަރުވާތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން މަދުވެ، އަމިއްލަ ޤައުމުގައި ތިބެގެން ފެންވަރު ރަނގަޅު، އިތުބާރުހުރި ޞިއްޙީ ފަރުވާ ލިބިގެންދާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއެވެ.

ad