logo

ވިޔަފާރި ބަނދަރު ބަދަލުކުރަން ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ނަގަން އެޗްޑީސީން ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. އަދި މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ.

އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހިމެނެއެވެ.

މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހު އެމްޓީސީސީއާވެސް ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީގެ ހަވާލުގައި ކުރިއަށްދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ގޮތުގައި، މި އައު ބަނދަރު 11 ނޮވެންބަރު 2027 ގެ ނިޔަލަށް އެއްކޮށް ނިންމާ، ފުރިހަމައަށް އޮޕަރޭޝަނަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.

އެ މަޝްރޫޢުގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ އޮޕަރޭޝަން ތިލަފުށްޓަށް ބަދަލުކުރެވޭނެއެވެ. ބާކީ 20 އިންސައްތަ ޚިދުމަތްތައް ދޭނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުންނެވެ. މިހާރު މާލޭ ބަނދަރުން މުދާ ހުސްކުރަން 7 ދުވަސް ހޭދަވާއިރު، ތިލަފުށީ ބަނދަރުން 48 ގަޑިއިރު ތެރޭގައި މުދާ ހުސްކުރެވޭނެއެވެ. މީގެ ސަބަބުން މުދަލުގެ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ. އަލަށް ތަރައްގީކުރާ މުޅި އެ ބަނދަރު ހިންގުމަށް ހަމަޖެހިފައިވަނީ ޒަމާނީ، ފުރިހަމައަށް ޑިޖިޓަލްކުރެވިފައިވާ ޕޯޓް މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުންނެވެ.

ad