logo

ޤުރްއާނާއި ސުންނަތުގައި ހިފަހައްޓައިފި ބަޔަކު މަގުއޮޅިގެންނުދާނެ: ޚުޠުބާ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ޤުރްއާނާއި ސުންނަތުގައި ހިފަހައްޓައިފި ބަޔަކު މަގުއޮޅިގެންނުދާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މާތް ނަބިއްޔާ ދެކެ ލޯބިވުން" އެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކީރިތި ރަސޫލާ ﷺ ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ބޮޑުވެގެންވާ އަނިޔާވެރިކަމާއި ޖަހާލަތުގެ ތެރޭގައެވެ. ބުދަށާއި، ގަސްގަހާގެއްސަށާއި، އަލިފާނަށާއި، އިންސާނުންނަށް އަޅުކަންކުރުމާއި، އަންހެންދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުން ފަދަ މުންކަރާތްތައް އެ ދުވަސްވަރު އޮތީ ޢާންމުވެފައެވެ. މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށްޓަކައި މާތް ﷲ ފޮނުއްވި ރަސޫލަކީ މާތް ނަބިއްޔާ ﷺ އެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައްޔާއި ހިދާޔަތުގެ އަލިކުރާ ވޮށެއްގެ ގޮތުގައެވެ.

ކައުއިތުރު މާތް ނަބިއްޔާ ﷺ އަށް އީމާންވުމަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިޙުތިރާމްކޮށް އަދަބު އަދާކުރުން ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރިންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު، އެކަލޭގެފާނަށް ނަފުރަތުކުރުމާއި ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަން ކަމަށާއި، އެފަދަ ފަރާތްތަކަށް މާތް ﷲ ލަޢުނަތްލައްވައި ވޭންދެނިވި ޢަޛާބު ދެއްވާނެކަން ވަނީ ހަނދާންކޮށްދީފައެވެ.

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަޞްރު ދެއްވި ކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

މާތް ނަބިއްޔާ ﷺ ދެކެ ލޯބިވާ މީހާ ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ކަމަށް ޚުތުބާގައި ބާރު އަޅައިފައިވެއެވެ. ތެދުބަސް ބުނުމާއި ކެތްތެރިވުމާއި ޢަދުލުވެރިވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމާއި މަޑުމޮޅިވުން ފަދަ ސިފަތަކުން ޒީނަތްތެރިވުމަށް ޚުތުބާގައި ގޮވައިލައިފައިވެއެވެ.

ޚުތުބާ ނިންމައިލީ މާތް الله އަށް ތަޤުވާވެރިވެ ބިރުވެތިވުމަށާއި ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތަށް ދޫކުރެއްވި ތަރިކަ ކަމުގައިވާ ކީރިތި ޤުރްއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވައިލަމުންނެވެ.

ad