އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފިއެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަހައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކަމަށް ވީއިރު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ، އަމީނީ މަގުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގު މަރާމާތުކުރުމުގެ ގޮތުން ކުރަން ޖެހޭ ސަރވޭތައްވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެމްޓީސީސީން ބުނީ އަމީނީމަގުގެ ފުރަތަމަ ސެންގްމަންޓުގެ މަސައްކަތް ފަށާފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތްތަކަމަށެވެ.
މިމަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

