logo

މައްކާ ދިފާޢީ އެއްބަސްވުން ތުރުކީގެ ޕާލަމެންޓުން ތަޞްދީޤުކޮށްފި

މަޒީ
5 ގަޑިއިރު ކުރިން

ތުރުކީ، ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި ވެވިފައިވާ މައްކާ ދިފާޢީ އެއްބަސްވުން ތުރުކީގެ ޕާލަމެންޓުން ތަޞްދީޤުކޮށްފިއެވެ. މިއީ އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އައިސްފިނަމަ އެހީތެރިވުމުގެ އިޝްތިރާކީ ދިފާޢީ (ކޮލެކްޓިވް ޑިފެންސް) މާއްދާއެއް ހިމެނޭ އެއްބަސްވުމަކަށްވާއިރު، މިއާއެކު ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު ޢަސްކަރިއްޔާ އޮތް ތުރުކީގެ ޢަސްކަރީ އެހީތެރިކަން ސަޢޫދީއަށް ފޯރުކޮށްދިނުމުގެ ޤާނޫނީ ބާރު ވަނީ ތަނަވަސްވެފައެވެ.

ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުން ތުރުކީގެ ޕާލަމެންޓުން ފާސްކޮށްފައިވަނީ 279 މެންބަރުންގެ ވޯޓުންނެވެ. އެއްބަސްވުމާ ދެކޮޅަށް 119 މެންބަރުން ވޯޓު ދެއްވިއިރު، 592 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ވޯޓިންގްގައި ބައިވެރިވެވަޑައިގެންނެވީ 398 މެންބަރުންނެވެ. އެއްބަސްވުމުގެ ފުރަތަމަ މާއްދާ ބުދަ ދުވަހު ފާސްކުރުމަށްފަހު، ނައިބު ރައީސް ޖަލާލް އަދާން ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ. ބާކީ މާއްދާތަކާމެދު ބަހުސްކޮށް މުޅި އެއްބަސްވުން ފާސްކުރީ ބުރާސްފަތި ދުވަހުގެ މުޢާމަލާތްތަކުގައެވެ.

މި އެއްބަސްވުމުގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައިވަނީ ބައިވެރިވާ ޤައުމުތަކުގެ ސާރަހައްދީ ނަޒާހާތްތެރިކަމަށް އަންނަ ނުރައްކާތައް ނައްތާލުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ބޭނުންކުރަންޖެހޭނެ ކަމަށެވެ. އަދި ދެވަނަ މާއްދާގައި ބުނެފައިވަނީ، އެއްބަސްވުމުގެ ބައިވެރިއަކަށް ބޭރުގެ ޤައުމަކުން ނުވަތަ ޖަމާޢަތަކުން ޢަސްކަރީ ޙަމަލާއެއް ދީފިނަމަ، އެއީ ހުރިހާ ޤައުމަކަށް ދެވުނު ޙަމަލާއެއްގެ ގޮތުގައި ބަލައި، ލިބެންހުރި ހުރިހާ ވަޞީލަތްތަކެއް ބޭނުންކޮށްގެން ވަޤުތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. މިއީ ނޭޓޯގެ 5 ވަނަ މާއްދާއާ ދާދި އެއްގޮތް އުޞޫލެކެވެ.

ޢަސްކަރީ ދިފާޢުގެ އިތުރުން، ދިފާޢީ އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ގުޅިގެން ޢަސްކަރީ ތަމްރީނުތައް ހިންގުމާއި، ލޮޖިސްޓިކްސް އަދި އިންޓެލިޖެންސް ޙިއްޞާކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. މިއެއްބަސްވުމުގައި ޤައުމުތައް މަދުވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް ދެމިތިބެންޖެހޭއިރު، އެއަށްފަހު ވަކިވުމުގެ ފުރުޞަތު އޮވެއެވެ. އަދި މިހާރުގެ ބައިވެރިންގެ އިއްތިފާޤުން އިތުރު ޤައުމުތަކަށްވެސް މި އިއްތިޙާދާ ގުޅުމުގެ ފުރުޞަތު އޮތްއިރު، ސޫރިޔާއިންވެސް ވަނީ މިއެއްބަސްވުމާ ގުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މި އެއްބަސްވުން ތަޞްދީޤުކޮށްފައިވަނީ ޔަމަނުގެ ޙޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ޙަމަލާތައް އިތުރުވެ، ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށްވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ސަޢޫދީން ވަނީ މަދީނާއަށް މިޞްރާބުޖެހި ޑްރޯނެއްވެސް ވައްޓާލާފައެވެ. ޙޫޘީން މައްކާއާއި މަދީނާއަށް ޙަމަލާދޭން އުޅޭކަމަށް ސަޢޫދީން ކުރާ ތުހުމާތުތައް ޙޫޘީން ދޮގުކުރެއެވެ.

ޕާލަމެންޓުން އެއްބަސްވުން ތަޞްދީޤުކުރި ނަމަވެސް، ސަޢޫދީއަށް ތުރުކީ ސިފައިން ފޮނުވުމަކީ އިތުރު ޤާނޫނީ އިޖުރާއުތަކެއް ފުރިހަމަކުރަންޖެހޭ ކަމެކެވެ. ތުރުކީގެ ދިފާޢީ ވަޒީރު ޔާޝާރު ގުލޭރު ވިދާޅުވެފައިވަނީ، ތުރުކީން ޙޫޘީންނާ ދެކޮޅަށް ސީދާ ހަނގުރާމައަކަށް ނުވަންނާނެ ކަމަށާއި، ތުރުކީގެ އެހީތެރިކަމުގެ މައިގަނޑު ބޭނުމަކީ ނުރައްކާތައް ހުއްޓުވުމުގެ ޤާބިލުކަން ވަރުގަދަކުރުން ކަމަށެވެ.

މެދުއިރުމަތީގައި އިސްރާއީލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދުގެ މަޝްރަޙު ނުހަނު ނުރައްކާތެރިވެފައިވާ ދަނޑިވަޅެއްގައި، ތުރުކީން ނޭޓޯގެ މެންބަރެއްގެ ގޮތުގައި ހުރެ މިފަދަ އެއްބަސްވުމެއްގައި ބައިވެރިވުމުން މަޞްލަޙަތު ފުށުއަރާފާނެކަމަށް އުފެދުނު ކަންބޮޑުވުންތައް ތުރުކީ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

މި އެއްބަސްވުމަކީ މިއަހަރުގެ އޮގަސްޓު މަހު މައްކާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަލްދޫޣާން، ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރެއްވި އެއްބަސްވުމެކެވެ.

ad