logo

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެންބަރު މަހު 14ގައި ބާއްވަން ހަމަޖައްސައިފި

ދިޔާމާ އިބްރާހިމް
ގަޑިއިރެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.

މިއީ، ފައިނޭންސް ފޯރަމްގެ 13ވަނަ ބައްދަލުވުމެވެ.

"ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ، ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައިކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ، މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ޤައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓުގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިޤުތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާނެއެވެ.
މި މަޝްވަރާތައް ބިނާކޮށްފައިވަނީ، ރާއްޖޭގެ މާލީ ބާޒާރުގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ހިމެނެއެވެ. މިއީ، އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މި ދާއިރާއަށް ޚާއްސަ އިސްކަމެއްދޭކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ، ޤައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިޤުތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށްކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ފޯރަމަކީ 2012 އިން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާ ކުރުމަށް ޕެންޝަން އޮފީހުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

ad