ދިވެހިރާއްޖޭގެ މާލީ ހާލަތާއި ބޭރުގެ ގޮންޖެހުންތައް މެނޭޖްކުރުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދާކުރާ މުހިންމު ދައުރަށް ބަލައި، ފިޗް ރޭޓިންގްސްއިން ބީއެމްއެލް އަށް ކްރެޑިޓް ރޭޓިންގ ދީފިއެވެ.
ފިޗުން ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް 'ސީސީސީ-' އެއް ދީފައިވާއިރު، ބޭންކުގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައިކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަން ފާހަގަކޮށް، ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތިން 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު' އަށް 'ސީސީސީ+'އެއް ވަނީ ކަނޑައަޅާފައެވެ.
މި ރޭޓިންގް ދީފައިވަނީ 3 ޖޫން 2026 ގައި ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް ރަނގަޅުވެފައިވަނީ، އާމްދަނީ އިތުރުކުރުމަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އޭޕްރީލް 2026 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެންނެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި ރޭޓިންއަކީ ރާއްޖޭގެ މާލީ ނިޒާމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. ބީއެމްއެލްގެ މާކެޓް ހިއްސާ ބޮޑުވުމާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގް ނިޒާމުގެ އިތުރުން، ރަނގަޅު އާމްދަނީއެއް ލިބޭ ބޭންކެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފައެވެ.
ފިޗްގެ ރިޕޯޓުގައި ބޭންކުގެ ރިސްކް މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ޑިވިޑެންޑް ދިނުމުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ބޭންކުގެ ރައުސުލްމާލު ވަރުގަދަކޮށް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގްއިން ރަމްޒުކޮށްދެނީ ބޭންކުގެ މާލީ ހަރުދަނާކަމާއި، ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރުކަމަށެވެ.
ބީއެމްއެލްއަށް ލިބުނު މި ރޭޓިންގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިވާ އިތުބާރު ހުރި މާލީ އިދާރާއެއްގެ ގޮތުގައި އެ ބޭންކުގެ މަގާމު އިތުރަށް ވަރުގަދަވެގެންދެއެވެ.

