ސަރުކާރުގެ އަމާޒަކީ ކަނޑައެޅޭ ބާވަތްތައް ރާއްޖޭގައި ހައްދައިގެން ބާޒާރަށް ނެރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރަމުން ދާ ޤައުމީ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަނޑުވަރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރެއްގައި ކަށަވަރު ކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރު ހަނދާންކޮށްދޭ މުހިއްމު ދުވަހެއް ކަމަށެވެ.
އަދި ދުނިޔޭގެ ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުން ތަކާއި، ދަތުރު ފަތުރަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އަމިއްލަ ކާބޯތަކެތި އުފައްދާ މިންވަރު އިތުރު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަށައެޅިފައިވާ ވަކި ބާވަތްތަކެއް އެތެރެކުރުމުގެ ބަދަލުގައި ރާއްޖެއަށް ބޭނުންވާ މިންވަރު އަމިއްލަ ފަސްގަނޑުގައި އުފައްދައިގެން ނެރެވޭނެ ގޮތްތައް އިންތިޒާމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރު ކޮށްދެވޭނެ މަގުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަޒުމެއް ކަމަށެވެ. ހަމަ މިއާއި އެކު ސަރުކާރުގެ އަމާޒަކީ އެކަށައަޅާފައިވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއިން ބޭރުން އެތެރެނުކޮށް، ރާއްޖޭގައި ހައްދައިގެން ބާޒާރާށް ނެރެވޭނެ މަގު ފަހިކުރުންކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މި ޕޯސްޓްގައި ރައީސް އިތުރަށް ވިދާޅުވީ ތިމާވެއްޓާއި ރައްޓެހިގޮތްތަައް ބޭނުން ކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ މުހިންމުކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދަނޑުވެރކަމުގެ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 2009ގައެވެ. ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރަމުން އަންނަތާ މިއީ 17ވަނަ އަހަރެވެ. މިހަރުގެ ދަނޑުވެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޢީޖާދުން ،މާދަމާގެ ދިރުން" މިއެވެ. ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ދަނޑުވެރިންނަށާއި ދަނޑުވެރި ޢާއިލާތަކަށް އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ވަނީ ފޮނުއްވާފައެވެ.

