ފެނަކަ ކޮޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ 12ވަނަ ދުވަހު ވަނީ ނިންމަވާފައެވެ.
އެ މައްސަލައިގައި ދީނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މީގެކުރިން ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަން މިއަދު ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.
މި އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށްވެފައި އޭނާއަށް މިކަމުން ސީދާ މަންފާއެއް ލިބިފައިނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުމެއް ނުވެ އެވެ.
މި މައްސަލައިގައި ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ދިފާޢުން ވަނީ، ދައުވާ ލިބޭ ފަރާތަކީ ޖަލު ބަންދުގައި ހުންނަން ޖެހޭ ފަރާތެއް ކަމުގައި ނުދެކޭ ކަމަށާއި މި ކުށުގެ އަދަބުގެ ގޮތުގައި ގޭބަންދަށް ބަދަލުކޮށް ޖޫރިމަނާ ކުރުމަށް އެދިފައެވެ. އަދި ސިއްޙީ ހާލަތު ހުރިގޮތުން ޖަލުގައި ހުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަންކަން އަންގާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންވެ، ޖަލު އަދަބު ފިޔަވައި އިތުރު އަދަބެއް ކަނޑައެޅުމަށް ޤާނޫނު ތަންދޭކަންވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ދައުލަތުންނާއި ދިފާޢުން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތް ކުރައްވައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްޙީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ލިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.
ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކަނޑައެޅެންދެން ޝަރީއަތް ނިމެންދެން ހުރީ، ބަންދުކޮށްފައެވެ. މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވަނީ، ދީނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ދީނާގެ އިތުރުން ދައުވާ އުފުލީ، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށެވެ. އޭނާގެ މައްޗަށްވެސް ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.

