logo

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމަށް އެޅޭ ބިންގަލަކަށް: ރައީސް ޑރ.މުޢިއްޒު

ދިޔާމާ އިބްރާހިމް
ގަޑިއިރެއް ކުރިން

ސަރުކާރުން ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ

ހަރުދަނާ ބިން ގަލަކަސް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ވަތަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް މިއަދު ފެށުމާ ގުޅިގެން އެމަނީކުފާނުގެ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާނުން ބިނާކުރުމަށް ޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު އުޖާލާކޮށް ބައްޓަންކުރުމަށް އެޅޭ ވަރަށް ވަރުގަދަ އަދި ހަރުދަނާ ބިންގަލަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ފަހަރުގެ ބެޗުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި ހިތްވަރާއި ޢަޒުމާއެކު ސާބިތުވެ ތިބެ މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބައިވެރިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ހިތްވަރު ދެއްވާފައެވެ.

ވަޠަނީ ޚިދުމަތުގެ މި ބެޗުގައި ޖުމްލަ 352 ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާ ގޮތަށް 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމީ ލޯތްބާއި، އަޚްލާޤާއި، ސަފުތައް ދެމެހެއްޓުމާއި، އަދި ދިރިއުޅުމުގެ އެކި މައިދާންތަކަށް ބޭނުންވާ މުހިންމު ހުނަރުތައް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ އަދަދު އިތުރުވަމުން ދާ ކަން ފާހަގަކުރެވެއެވެ.

ad