logo

އީސީގެ މެންބަރު ކަމަށް ޝަކީލު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީއިން އެނަންތައް ދިރާސާކުރުމަށްފަހު މިއަދުގެ ޖަލްސާއަށް ވަނީ ދިރާސާ ރިޕޯޓް ހުށަހަޅުއްވާފައެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ޝަކީލްއަށް ރުހުން ހޯދުމަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.
ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި ޢަބްދުލްޙަސީބް އިސްމާޢީލާއާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.

މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަޤާމުގައި ހުންނަވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.

ad