ބ. ދަރަވަންދޫ އެއާޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އެ މަޝްރޫއަކީ އެ އެއާޕޯޓު ބޭނުންކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ހުރި ޓާމިނަލް އިތުރަށް ބޮޑުކުރުމުގެ އިތުރުން، މުޅިން އާ ލައުންޖް އިމާރާތެއްވެސް ބިނާކުރުމަށް ވަނީ ނިންމާފައިކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.
އެގޮތުން މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ. މި މަޝްރޫއު ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ދަރަވަންދޫ އެއާޕޯޓު ހުޅުވާފައިވަނީ 2012 ވަނަ އަހަރު އެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް އަށް ފްލައިޓަށް ވުރެ ގިނައިން ޖައްސާ މި އެއާޕޯޓްގެ ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކުރިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ދަރަވަންދޫގެ އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރާނެ އެވެ. އެއާއެކު ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ލަފާކުރެ އެވެ.

